މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމާއި މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަހިރާސްތާ ޕްރޮގްރާމް ފުލުހުން ރަސްފަންނުގައި ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެ އެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެ އެވެ.
މީގެ އިތުރުން، ފުލުހުން ވަނީ މީހުންނާ ބައްދަލުކޮށް ކިޔައިދީގެންނާއި ކުރެހުމާއި ޕޯސްޓަރު މެދުވެރިކޮށް އަދި ލީފްލެޓް މެދުވެރިކޮށް ވެސް މައުލޫމާތުދީފައިވެ އެވެ. އަދި މަގުމަތީގެ އަދަބުތަކާގުޅޭ ލަވަ، ބަނދި އަދި އޯޑިއޯ ކްލިޕް ގެ ޒަރިއްޔާއިންވެސް މައުލޫމާތު ދީފައިވެ އެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަބަޔަކަށް މައުލޫމާތުދީފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ގުޅިގެންނެވެ.
ފުލުހުން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ހާއްސަ މަަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް