ކުޑަ ކުއްޖަކު ރަހީނުކޮށް ބިރުދެއްކި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ލ. ގަމުގައި ހިނގި މި ހާދިސާގައި ހިމެނޭ ކުޑަ ކުއްޖަކީ ހަމަދް ބިން ހަލީފާ އަލް ތާނީ ސްކޫލްގެ ޓީޗަރެއްގެ ފިރިހެން ދަރިއެއްކަމަށް މައުލޫމާތު ލިބެ އެވެ. އެ ކުއްޖާއަކީ އެ ސްކޫލުގެ ދަރިވަރެކެވެ.
އެ ކުއްޖާ ރަހީނުކޮށް ބިރުދައްކާފައިވަނީވެސް އެ ސްކޫލުގެ ކުދިންތަކެއްކަމަށް މައުލޫމާތު ލިބެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު އެ ސްކޫލްގެ ދަރިވަރުންތަކެއް އެ ޓީޗަރުގެ ގެއަށް ވަދެ އެ ކުއްޖާ ރަހީނުކޮށް ތަނަކަށް ގެންގޮސް ބަރަހަނާކޮށް ވީޑިއޯ ކުރުމަށްފަހު ބިރުދައްކާފައިވެ އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާއިން މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ކަމާ ގުޅުންގުރި މުއައްސަސާތަކާއި ގުޅިގެން މިކަމާ ގުޅޭ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.