ރާއްޖެއިން އައިސީޖޭގައި އޮތް އިޒްރޭލްގެ މައްސަލައަށް ތަދައްޚުލުވާން ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ އިޒްރޭލްގެ މައްޗަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވާން ހުށަހަޅައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނަކުން ނެވެ.

ދެކުނު އެފްރިކާއިން މި މައްސަލަ ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ދެކުނު އެފްރިކާއިން ބުނެފައިވަނީ އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.

ރާއްޖެއިން މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ”އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް“ އަދި ”ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް“ މާނަކުރެވިފައިވާ ގޮތާ ގުޅޭގޮތުން ނެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމަށާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މައިދާންތަކުގައި ވަކާލާތުކުރަމުން ނެވެ.

މީގެ އިތުރުން، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމަށް ވިދާޅުވެފަ އެވެ.

ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ