ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަކި މިންވަރެއްގެ ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒުކުރަން ފަށައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓުކުރި އައު ގަވާއިދެއްގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ. އަދި މި ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއާ ހިއްސާކުރަންޖެހޭނެ އެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ކެޓަގަރީއަކަށް ބަހާލާފައިވެ އެވެ. ކެޓަގަރީއޭއަކީ ރިސޯޓް، ހޮޓާ ސަފާރީތަކުގެ ކެޓަގަރީ އެވެ. އަދި ކެޓަގަރީ ބީ އަކީ ގެސްޓްހައުސްތަކުގެ ކެޓަގަރީ އެވެ. ކެޓަގަރީ އޭގައި ހިމެނޭ ތަންތަނުން، މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ އެވެ. ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ އެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.