ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ހަނދާނެއް ނުވާ ކަމަށާއި، މަސައްކަތް ކޮށްފައިވާނީ ޕާޓީގެ ވަކީލެއްގެ ގޮތުގައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އައްބާސް، ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށް މިހާރު ޔާމީންގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮތުމުން އެ މައްސަލައިން ތަނާޒުލުވާނަންތޯ ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ އައްބާސް ވިދާޅުވީ ޔާމީން ޕާސަނަލް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ހަނދާނެއް ނުވާ ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާނެކަން ފާހަގަ ކުރެއްވި އެވެ.
އައްބާސް ވިދާޅުވީ ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވުނުތޯ ބައްލަވާނެ ކަމަށާއި އެހެންނަމަވެސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ހަނދާނެއް ނުވާކަން ތަކުރާރުކުރެއްވި އެވެ. އެކަން އިތުރަށް ބެލުމަށްފަހު އެ މައްސަލައިން ތަނާޒުލުވާންޖެހޭނަމަ ތަނާޒުލުވާނެ ކަމަށް ވިދާޅުވި އެވެ.
މައްސަލަތަކުން ތަނާޒުލުވާންޖެހޭ ހާލަތުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ޕީޖީ އޮފީހުގައި އޮތްކަން ފާހަގަކޮށް އައްބާސް ވިދާޅުވީ އެ އުސޫލަށް އިތުބާރު ކުރައްވާ ކަމަށެވެ.
އައްބާސް ޝަރީފް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. އެމަގާމަށް އޭނާ އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ނެވެ.
ރައީސް އަބްދުﷲ ޔާމީން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)