ޖަޕާނާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު ޖަޕާނުގެ އާ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ރަސްމީކޮށް ހަވާލުވެޑައިގަތުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ އިޝިބާގެ ގާބިލް ލީޑަރޝިޕްގެ ދަށުން ޖަޕާނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ. ރާއްޖެ އާއި ޖަޕާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުން ބަދަހިކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް އިންތިޒާރުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖަޕާނުގެ ލީޑާޝިޕަށް ކާމިޔާބީ ލިބުމަށް އެދިވަޑައިގެންފައިވެ އެވެ.
އިޝިބާ މި މަގާމަށް ހޮވިވަޑައިގަތީ ޖަޕާންގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ފަރާތުން ނެވެ.
އިޝިބާ މި މަގާމަށް ހޮވިވަޑައިގަތީ ޖަޕާނަށް އާންމުކޮށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކަށްވާ ތައްޔާރީތައް އިތުރަށް ހަރުދަނާ ކުރުމާއި ޖަޕާނުގެ އަންހެނުން ކައިވެނިކުރުމުން ފިރިމީހާގެ ނަން ބޭނުންކުރުން މަޖުބޫރުވާ އުސޫލު ނައްތާލުމުގެ ވައުދުފުޅާއިއެކު ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ގުދުރަތީ ކާރިސާތަކަށް ހާއްސަ ވަކި މިނިސްޓްރީއެއް އުފައްދަވަން ވައުދުވެވަޑައިގެންފައި ވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަމުގެ ތަޖުރިބާގެ އަލީގައި އިޝިބާ ވަނީ ޖަޕާނުގައި ތިބި އެމެރިކާ ސިފައިންނަށް އެގައުމުގެ ވަކި ސަރަހައްދުތަކަށް ފޯރުވާ ނުފޫޒު ކުޑަކުރުމުގެ ވިސްނުންފުޅުވެސް ހާމަކުރައްވާފަ އެވެ.
އިޝިބާ ވަނީ ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން ޖަޕާނުގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. މީގެ ކުރިން އިޝިބާ ވަނީ 4 ފަަހަރެއްގެ މަތިން ޖަޕާނުގެ ބޮޑުވަޒީރުކަން ހޯއްދެވުމުގެ މަސައްކަތް ކުރައްވާފަ އެވެ. ނަަމަވެސް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތާއީދެއް އިޝިބާއަށް ލިބިވަޑައިގެންފައި ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޖަޕާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް