ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްފައިވަނީ 2020 ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. ޝިޔާމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝިޔާމަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ނެވެ.
މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު، ކްރިމިނަލް ކޯޓުން ވަނީ ޝިޔާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވަނީ އެމްއާރުސީސީގެ ވީ.އައި.ޕީ ގޭގައި މީހުން ބެހެއްޓުމަށް ލިޔެވިފައިވާ ވަކި ހާއްސަ އުސޫލެއް ނެތުމާއި، އެތަނުގައި ބަހައްޓަމުން ދިޔައީ ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް ކަމަށްވާތީ އެވެ. އަދި ސިފައިންގެ އާއިލާގެ މީހުންނާއި ދައުވަތަށް އަންނަ މީހުން އެކި މުއްދަތަށް ބައިތިއްބާކަންވެސް ފާހަގަ ކޮށްފައިވެ އެވެ.
މީގެއިތުރުން ޝިޔާމްގެ ބައްޕަ އެތަނުގައި ހުރި މުއްދަތުގައި އެކި ހިދުމަތްތައް ފޯރުކޮށްދިން ސިފައިންގެ މީހާ އެކަން ކޮށްފައިވަނީ އޭނާގެ ހުސްވަގުތުގައި އޮތް ގާތްކަމެއްގެ ސަބަބުން ކަމަށް ބުނެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުގެ ކަންކަމަކީ ޝިޔާމްގެ ޖީބުން ހަރަދު ކޮށްފައިވާ ކަންކަމަށް ހެކިބަސްދީފައިވާ ކަމަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާގޮތް:
ޝިޔާމްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭސީސީން ތަހުގީގުކޮށްފައިވާ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގަ އެވެ.
މި މައްސަލާގައި އޭސީސީ އަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެމްއާރުސީސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އޭސީސީން މީގެކުރިން ބުނެފައިވަނީ ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނެއްކަމަށާއި، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)