ދޮށީ އުމުރުގެ މީހުންނަކީ އިއްޔެގެ ޚިދުމަތްތެރީން ކަމަށް އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.
މިނިސްޓަރ ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، އުމުރުން ދުވަސްވީ މީހންނަކީ ކަންކަން ފަހިކުރުމުގެ މޭސްތިރިންގެ ގޮތުގައި ތިބި ތަޖުރިބާކާރުން ކަމަށެވެ. އެކި ރޮނގު ރޮނގުން ވިދަމުންއައި ފަންނާނުންނާއި ފަންނުވެރިން ކަމަށެވެ. އެހެންކަމުން އުމުރުން ދުވަސްވުމަކީ ފަހަރެއްގައި ވެސް ހަރަކާތްތެރިވުން މަޑުޖައްސާލާ، ޝާމިލުވެ އުޅުމުން އެކަހެރިވެ، އެކަނިވެރި ހިޔާލުތަކާއި ފިކުރުން މީހާ ވަށާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
”ދޮށީއުމުރަކީ ކޮންމެ މީހަކާއި ވެސް ބައްދަލުކުރާނެ ހަޔާތުގެ ފޯވައްސެއް. އެކަމަށް ތައްޔާރުވެ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު އުޅޭ ބަޔަކަށް ނުވަތަ އެފަދަ މުޖުތަމައުއަކަށް މި މުޖުތަމައު ބައްޓަންކުރުމަށް ކުރަން ހުރި ކަންކަމުގެ ވާހަކަ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރާއިރު ހަނދާނަށް ކޮންމެހެން ގެނައުން މުހިންމު ކަމުގައި ދެކެން.“
އުމުރުން ދުވަސްވަމުންދާއިރު، ދުޅަހެޔޮކަންމަތީގައި ދެމި ތިބުމަށް، ކެއިން ބުއިމާއި، ކަސްރަތުކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދީގެން ކުރެވޭނެ އެކި ކަންކަން ގަވާއިދުން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި އާއިލާތަކުގެ ތެރޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީ، އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އާއިލާތަކުގެ ތެރެއިން އެ ފަރާތްތަކަށް ލޯތްބާ އަޅާލުމާ އޯގާތެރިކަން އަބަދުމެ ދޭން ޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮ އުފާވެރި، ކަށަވަރުކުރުމުގެ ވިސްނުންފުޅުގައި، އަދި ދޮށީ އުމުރުގެ މީހުންގެ އަގު ވަޒަންކުރުމާއި، އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދިނުމާއެކު، އުފާވެރި މާހައުލެއްގައި އެމީހުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އިސްރަށްވެހިންގެ ނާދީގެ ގޮތުގައި މަރުކަޒެއް ގާއިމްކޮށްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކޮށްފަ އެވެ.
އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް