ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އާރްޑީސީ އެކުލަވާލެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
އާރްޑީސީ އިން ބުނީ، 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 5 ބައިވެރިއަކު ހިމެނޭ ކަމަށެވެ. އަދި އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން މި ކޯޕަރޭޝަންގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އަދި މުމައްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށްވެސް އާރްޑީސީ އިން ބުނެ އެވެ.
އާރްޑީސީ އިން ބުނީ، މި ޕްރޮގްރާމްގެ މަޤްސަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ފަރާތްތައް މުޖުތަމައުއަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަޤުސަދުގެ ތެރޭގައި ހިމެނެ އެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ 30 ޖޫން 2024 ވަނަ ދުވަހު އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް