މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެ ކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވި 7 ވަނަ ”އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
“އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް،“ މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކޮންފަރެންސަކީ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން އެއްތަނަކުން ބައްދަލުވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ބައްދަލުވުމެކެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުންފަދަ ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިރުތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިޔައަށްގެންގޮސް، ތާޒާ ކުރުމުގެ ޕްރޮގްރާމުތައް ރާވާ ހިންގާ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާ ކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންފުޅުވާކަން ފާހަގަކުރެއްވި އެވެ. ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުންއައި ގޮތް ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހާއްސަ ގޮތެއްގައި ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ހައްލުތައް ހޯދައި، ތައުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުސަތުތައް އިތުރު ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު އެ ކަމަނާ ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމައުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ހަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރެއްވި އެވެ.
އެ ކަމަނާގެ ވާހަކަފުޅުގެ ކުރިން، މި ކޮންފަރެންސްގައި ތައުލީމީ ވުޒާރާގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް