ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުވަން ފުވައްމުލަކު ކައުންސިލުން ހިންގަން ނިންމި އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
އެ ރަށުގެ ކައުންސިލުން މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމީ އެ ރަށު ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވައިދީ ޒުވާނުން ބާރުވެރި ކުރުވުމަށެވެ.
މިއަދުން ފެށިގެން ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ކުދިން ނެގީ އެޕްލިކޭޝަން ހުށަހެޅި ކުދިންގެ ތެރެއިން އިންޓަވިއު ކޮށްގެންނެވެ. އަދި މިފަހަރު ފުރުސަތު ދިނީ 15 ބައިވެރިންނަށެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ، އުމުރުން 18 އަހަރާއި 20 އަހަރާ ދެމެދު ކުދިންނަށް ދިން މި ފުރުސަތުގައި ކޮންމެ މަހަކު ކައުންސިލުން 1500ރ. ގެ އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި:
- މަސައްކަތުގެ އަހުލާގު ގެންގުޅޭނެ ގޮތާއި ބިންގާ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- އަމިއްލައްށް ޒިންމާނަގަން ދަސްކޮށްދިނުން
- ލިބިފައިވާ އިލްމު އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދިނުން
- އެކުގައި މަސައްކަތް ކުރާ އެހެން މީހުންނާ އެކު އޮންނަން ޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް އަހުލުވެރިކުރުވުން
މި ޕްރޮގްރާމްގައި ފުވައްމުލަކު ކައުންސިލްގެ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރުމާއި އެ އިދާރާތަކުން އިލްމީ ތަޖުރިބާ އާއި ތަމްރީނު ވަޒީފާ ދިނުމާއި އަމަލީ ތަޖުރިބާ ވެސް ދޭނެ އެވެ.