ފުލުހުން މަގުތަކުގައި ހަރަކާތްތެރިވުމުން ކުށުގެ ރޭޓް ދަށްވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވުން އިތުރުވި ފަހުން ކުށުގެ ރޭޓް ދަށްވެއްޖެ ކަމަށް މިދިޔަ މަހުގެ ތަފާސް ހިސާބުން ދައްކައިފި އެވެ. މިކަން ހާމަވެގެން ދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުންނެވެ.

އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ކުށްތަކުގެ ތެރޭގައި ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެ އެވެ. ނަމަވެސް އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު މި ކޭސްތަކުގެ ރިޕޯޓްތައް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓް މަހު 327 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު މި އަދަދު 230 އަށް ދަށްވެފައިވެ އެވެ. ހަމައެހެންމެ، އޮގަސްޓް މަހު 204 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު މި އަދަދު 143 އަށް ދަށްވެފައިވެ އެވެ.

އެހެންނަމަވެސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަ އިތުރުވުމެއް ފެނިފައިވެ އެވެ. އޮގަސްޓް މަހު 111 މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 134 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މިއަދު ހެނދުނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ މިއީ ފުލުހުންގެ އާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރުމުގެ ނަތީޖާއެއް ކަމަށެވެ.

”ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވައްކަމާއި ފޭރުމާއި ޖުމްލަކޮށް (އެހެނިހެން) ކުށްތައް މަދުވެއްޖެ“ ޝިފާން ވިދާޅުވިއެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފުލުހުންގެ މަގުމަތީގެ ހަރަކާތްތައް އިތުރުކުރުމަކީ ކުށްކުރުން މަދުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރެވެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާތީ، މި ދާއިރާއަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ވެސް ފާހަގަކުރެވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ