ރިޝްވަތި ނަގައިގެން، މާފުށީ ޖަލުގައި ތިބި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ހޯދައިދިން މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކުރި އޮފިސަރުންގެ ތެރެއިން 3 މީހަކާއެކު އިއުތިރާފު އެއްބަސްވުން ހަދައިފި އެވެ.
މި މައްސަލައިގައި ކަރެކްޝަންސްގެ 5 އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ. މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ ޖިނާޙް އަބްދުއްރަޙީމް، ރ. އުނގޫފާރު އައިވަރީހައުސް، އަލީ ހިޝާމް، ކ. މާފުށި ބީޗްހައުސް، އަލީ ނާޒިމް، ހދ. ނޭކުރެންދޫ ތަރާނާގެ، މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި ކުއްޅަވައްގެ އަދި އަލީ އަސްފާގް، ނ. ލަންދޫ ކާމިނީގެ އެވެ.
މީގެ ތެރެއިން ޖިނާޙް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ 3 މީހަކާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވާކަން ފާހަގަ ކޮށްފަ އެވެ. ޕީޖީން އިއުތިރާފު އެއްބަސްވުން ހަދާފައިވަނީ އަލީ ނާޒިމް، މުހައްމަދު ފަތޫހު އަބްދުﷲ އަދި އަލީ އަޝްފާގުގެ މައްޗަށެވެ.
އިއުތިރާފު އެއްބަސްވުން ހަދާފައިވީނަމަވެސް ލިޔެކިޔުންތައް ހަމަކޮށް ދިރާސާ ނުކުރެވޭތީ، އަލީ ނާޒިމް އަދި އަލީ އަޝްފާގް ޝަރީއަތުގައި ކުށަށް އިއުތިރާފުވުމާމެދު ގޮތެއް ނުނިންމާކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ. މިމައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު ފަތޫހް އަބްދުﷲއަށް އަދި ވަކީލަކު ހަމަޖެއްސިފައި ނުވާތީ އޭނާއަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ.
ކްރިމިނަލް ކޯޓު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)