މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިހާތަނަށް 210 ޕްރޮގްރާމެއް އެކްރެޑިޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފި އެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ، އެމްކިއުއޭއިން ބުނިގޮތުގައި މަތީ ތައުލީމް ދޭ މަރުކަޒުތަކުން ކުރިޔަށް ގެންދިއުމަށް ހުށައަޅާ މަތީ ތައުލީމްގެ ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭޝަން ފްރޭމްވޯރކް (އެމްއެންކިއުއެފް) އަށް ފެތޭތޯ ބަލައި އެކްރެޑިޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.
އެމްކިޔުއޭ އިން ބުނި ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުން 227 ޕްރޮގްރާމެއް އެކްރެޑިޓް ކުރުމަށް ވަނީ ހުށައަޅާފަ އެވެ. އޭގެ ތެރެއިން 210 ޕްރޮގްރާމެއް ވަނީ އެކްރެޑިޓް ކޮށްފަ އެވެ. އަދި ބާކީ ހުރި 17 ޕްރޮގްރާމްގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް އެ އިދާރާ އިން ބުންޏެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ރާއްޖޭގެ މަތީ ތައުލީމްގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކަކީ ބޭރުގެ ދަރިވަރުން އައިސް ތައުލީމް އުގެނޭނެ ފެންވަރުގެ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން ރާއްޖޭގައި މަތީ ތައުލީމްގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތައް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، މަތީ ތައުލީމްގެ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ހިންގާ މަތީ ތައުލީމްގެ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)