ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ހަ ލައްކައަށް ވުރެ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާ ހަވާލާދީ އެމްއެމްއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ އާބާދީއަކީ 601،269 އެވެ.
2022 ވަނަ އަހަރު ކުރެވުނު ބޯހިމެނުމުގެ ނަތީޖާއާ މި އަދަދު އަޅާކިޔާއިރު، ފާއިތުވި އަހަރުތެރޭ ރާއްޖޭގެ އާބާދީ ވަނީ 86،137 އަކުން އިތުރުވެފަ އެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގެ އާބާދީއަކީ 515،132 ކަމަށް ދައްކަ އެވެ.
ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަކީ ދިވެހިން ނެވެ. އެއީ 382،639 މީހުން ނެވެ. އަދި 26 ޕަސެންޓަކީ ބިދޭސީން ނެވެ. އެއީ 132،493 މީހުން ނެވެ.
އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގަ އެވެ. ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅެނީ 211،908 މީހުން ނެވެ. އެއީ މުޅި އާބާދީގެ 41 ޕަސެންޓެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅެނީ 236،911 މީހުން ނެވެ. އެއީ އާބާދީގެ 46 ޕަސެންޓެވެ.
މާލެ ސަރަހައްދަށް ފަހު އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫ ސިޓީގަ އެވެ. އެ ސިޓީގައި 25،062 މީހުން ދިރިއުޅެ އެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެނީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 22،440 މީހުން ދިރިއުޅެ އެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވެ އެވެ.