ދޯނީގައި މަސް ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯނު ދޫކުރާނީ ރަހުނެއް ނުބަހައްޓާ ކަމުގައި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.
އެސްޑީއެފްސީ އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި އެސްޑީއެފްސީން ވިދާޅުވީ ”މުރާބަޙާ އާރުއެސްޑަބްލިޔު“ މި ސްކީމްގެ ދަށުން މައިގަނޑު 3 ކަމަކަށް ލޯނު ދޫކުރެވޭނެ ކަމަށެވެ.
އޮޑިދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން ލޯނު ދޫކުރާއިރު ފައިދާ ހިސާބު ދޫކުރާނީ އަހަރަކަށް ފައިނޭންސިން 6 އިންސައްތަ ރޭޓުގަ އެވެ. މި ލޯން ނެގޭނީ އެންމެ ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށެވެ. ލޯނު ދެއްކުމުގެ މުއްދަތުގެ ތެރެއިން އޮޑިވެރިންނަށް 6 މަސްދުވަހުގެ ގްރޭސްޕީރިއަޑެއް ލިބެ އެވެ. އަދި މި ލޯނު ދޫކުރުމަށް ރަހުނެއް ނުބަހައްޓާނެ އެވެ.
އާރު.އެސް.ޑަބްލިޔު ސިސްޓަމް (ލޮނުފެނުން މަސް ފިނިކުރާ ނިޒާމް) އެޅުމަށް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގަ އެވެ.
ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން އިސްލާމިކް ޑެވެލޮޕްމަންޓު ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި މަސް ދޯނިފަހަރުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ގާއިމުކުރުމަށްޓަކައި އެސް.އެމް.އީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
ލޯނަށް އެދި ހުށަހެޅުމަށް އެސްޑީއެފްގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އާރްއެސްޑަބްލިޔު ސިސްޓަމް އެޅުމަށް އޮޑިވެރިން އަމިއްލައަށް ލޯނަށް އެދެވޭނެ އެވެ. ނުވަތަ އާރްއެސްޑަބްލިއު އެޅުމަށް ވެންޑަރ އެއްގެ ގޮތުގައި އެސްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރއެއް މެދުވެރިކޮށްވެސް ލޯނަށް އެދެވޭނެ އެވެ. ވެންޑަރއެއް މެދުވެރިކޮށް ލޯނަށް އެދޭނަމަ، އާރްއެސްޑަބްލިއު އެޅުމަށް ކުރަންޖެހޭ ހަރަދާއި ހަރުކުރުމުގެ އެންމެހާ ކަމެއް ކޮށްދޭނީ ވެންޑަރ އެވެ.
މި ޕްރޮޑަކްޓު އަލުން ތައާރަފު ކުރީ މަސްވެރިންނަށް ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިތުރު ލުއި ފަސޭހަތައް ހިމަނައިގެން ނެވެ.
މި ޕްރޮޑަކްޓުގައި މިފަހަރު ހިމެނޭ އެންމެ ޚާއްސަ ލުއިފަސޭހަ ކަމަކީ މި ފެސިލިޓީގެ ދަށުން ނަގާ އަދަދުގެ 35 އިންސައްތަ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމައިފައި ވުމެވެ. މީގެ ފައިދާތަކަކީ އޮޑިވެރިންނަށް މާލީގޮތުން ލުއިލިބިގެން ދިއުމާއި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ހަމަޖެހިފައި އޮތުމުން މަހުންމަހަށް ދައްކަންޖެހޭ އަދަދު މަދުވެގެން ދިއުމެވެ.
އާރްއެސްޑަބްލިއު ފެސިލިޓީގެ ހާއްސަ ކަންކަން:
• މި ޕްރޮޑަކްޓުގެ ދަށުން 2 މިލިއަން އާއިހަމައަށް ފައިނޭންސް ހަމަޖެހޭނެ.
• 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ.
• އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭނެ.
• 10 އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭނެ.
• ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ދައްކަން ނުޖެހޭނެ.
• އަމިއްލައަށް ނުވަތަ އެސް.އެމް.އީ ޑެވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރ އެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ.
• މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ކޮންމެ ދޯންޏަކަށް ރަހުނަކާއި ނުލައި މި ލޯނަށް ހުށަހެޅޭނެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) މަސްވެރިކަން