ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޗައިނާގެ ގައުމީ ދުވަހާ ގުޅިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންގ އަށް ތަހުނިޔާ ފޮނުވައި، ޗައިނާގެ އެހީގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް ބުނެފި އެވެ.
ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ކޮމިއުނިސްޓް ޕާޓީ އަދި ރައްޔިތުންނަށް ހޫނު މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ޕީއެންސީ އިން ފަޚުރުވެރިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީއެންސީގެ ބަޔާނުގައި ވަނީ ރައީސް ޝީ ޖިންޕިންގގެ ލީޑަރޝިޕްގެ ދަށުން ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް އިންފްރާސްޓްރަކްޗަރ، ހެލްތްކެއަރ، އަދި ތަޢުލީމީ ދާއިރާތަކަށް ކޮށްފައިވާ އެހީތަކަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމަށް ފާހަގަކޮށްފަވއެވެ.
”ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ މުހިންމު އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑުމެން އިޚްލާޞްތެޞްތެރިކަމާއެކު ޝުކުރު އަދާކުރަން،“ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެވއެވެ.
މީގެ އިތުރުން، ޕީއެންސީ އިން ވަނީ ޗައިނާގެ ރައްޔިތުންނަށް ސުލްހައިގެ ތަނަވަސްކަމާއި ކާމިޔާބީ ދެމިއޮތުމަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ”ވަން ޗައިނާ“ ޕޮލިސީއަށް އަމަލުކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 1 ވަނަ ދުވަހު އެވެ. މިއީ 1949 ވަނަ އަހަރު ޗައިނާގެ ޕީޕަލްސް ރިޕަބްލިކް އުފެދުނު ދުވަހެވެ.