ވިޔަފާރީގެ ފުރުސަތުތައް ފަހިކުރަން ރާއްޖެއާ ސައުދީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު ސައީދު އެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ކޮމާސް، މަޖީދު ބިން އަބްދުﷲ ބިން އުސްމާން އަލްގަސާބީ އެވެ.
މިނިސްޓަރ ސައީދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން އަދި ވިޔަފާރީގެ ފުރުސަތުތައް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށެވެ.
މިނިސްޓަރ ސައީދު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރ އިބްރާހީމް އަލްމުބަރަކާ އާއިވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.