ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔޭގެ އިގްތިސާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަ ކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލް ކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައި ވެއެވެ.
މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ