ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފި އެވެ.
ފުލުހުން ބުނީ، މި ފުލުހުން ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ހާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެ ކަމަށެވެ.
މި ތަމްރީންތަކަކީ ގާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެކެވެ.
ތުރުކީގައި ތަމްރީނު ފުރިހަމަކުރުމަށް ހޮވުނީ 10 ފުލުހުންނެވެ. މި ފުލުހުން ފުރާފައި ވަނީ ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށެވެ.
އޮކްޓޯބަރު 7 އިން 2026 ސެޕްޓެންބަރު 30 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާފައި ވަނީ ސާޖަންޓް މުޙައްމަދު އަފްރާޙް، ސާޖަންޓް ޢާއިޝަތު ރަފްޝާ، ސާޖަންޓް އަޙްމަދު އަމީން ރަޝީދު، ސާޖަންޓް މުޙައްމަދު މިފްރާޙް އަދި ކޮންސްޓަބަލް ފާޠިމަތު ހަމްލާ އެވެ.
ދެ އަހަރުގެ މި ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްގުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެވެ. މީގެ އިތުރުން، ބައިވެރިން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެ އެވެ.
މީގެ އިތުރުން ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ތައުސީފް އަދި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ފަތުޙީ ވަނީ ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައި ބައިވެރި ވުމަށް ފުރާފަ އެވެ.
މިއަދުން ފެށިގެން ޖޫން 30 2025 އަށް ހިންގޭ 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށެވެ. މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާ ތަކެވެ. މީގެ އިތުރުން ބޭރު އެހެން ގައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނެ އެވެ.
ތުރުކީއާއި ސިންގަޕޫރަށް ގޮސްފައިވާ އޮފިސަރުންގެ އިތުރުން، ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަދު ވަނީ އަބޫދާބީ، ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރައިފައެވެ. ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޯބަރު 01 އިން ޖަނަވަރީ 31 2025 އަށެވެ.
މި ހަތަރު މަސްދުވަހުގެ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސް، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތައް އަދި އިލްމީ ދިރާސާތަކެވެ.