7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، އޮކްޓޫބަރު މަހުގެ 1-2 އަށް ސީ.އެޗް.އެސް.އީ-މާލޭގަ އެވެ.
މި ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްއެކެވެ.
މި އަހަރުގެ ކޮންފަރެންސްއަށް ޚާއްޞަ ކުރެވިފައިވާ ތީމް އަކީ ”އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް: އިކުއިޓަބްލް އެޑިއުކޭޝަން ފޮރ 21 ސެންޗުރީ އެކްސެލެންސް“
މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސް އެކެވެ. އަދި 2 ދުވަހަށް ދެމިގެންދާ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވެ އެވެ. މީގެ ތެރޭގައި 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވެ އެެވެ.
މީގެ އިތުރުން، މި ކޮންފަރެންސް ގައި 2 ކީނޯޓް އަދި 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ އެވެ.
މި ކޮންފަރެންސް ގެ މައިގަނޑު މަގުސަދަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމާއި، ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި ”އެކަޑެމިކް ޓުއަރިޒަމް“ ކުރިއެރުވުމެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގަ އެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވި އެވެ.