މާލޭ ފިހާރައެއްގެ ތެރޭ ވަޅިން ހަމަލާދީ މަރާލި އަހުމަދު މުހައްމަދު ދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ހިމެނޭ ދައުލަތުގެ ހެކިންނަށް ހިމާޔަތްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިއްޖެ އެވެ.
ސ. ހިތަދޫ އިޒުމީރު، އަހުމަދު މުހައްމަދުދީދީ (ނައުއްޓެ) އަށް ހަމަލާދީފައިވަނީ 2023 ފެބްރުއަރީ 24 ގެ ރޭ މާފަންނު ‘ކްރާސާ’ ފިހާރަތެރޭގައި އޭނާ ހުއްޓަ އެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އިބްރާހީމް ފައިހް ނިޒާމު ސ. މަރަދޫފޭދޫ / ރަށްދެބައިގެ އަދި ސިރުހާން އަލީ ތ. ގާދިއްފުށި / ގުލޭނޫރައްމާގެ މައްޗަށެވެ. މި ދެމީހުންގެ މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ އަޑުއެހުމުގައި ވަނީ ޝަރިއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. އެގޮތުން ދައުލަތުން ވަނީ މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 7 ހެއްކެއް ހިމާޔަތްކުރުމަށް، ’ވިޓްނަސް ޕްރޮޓެކްޝަން އޯޑަރު‘ ފުލުހުންގެ މައްޗަށް ނެރެދިނުމަށް ކޯޓުގައި އެދިފަ އެވެ. ދައުލަތުން ބުނެފައިވަނީ ހެކިންނަށް ހިމާޔަތް ނުދެވިއްޖެނަމަ، ހެކި ހާމަވާފަދަ ހާލަތެއްގައި އެމީހުންނަށް އަނިޔާއެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމު އަދި ސިރުހާން އަލީ ވަނީ އެ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނަގާފަ އެވެ. އަދި އެކަން ސާބިތުކުރުމަށް ހެކިންވެސް ހުށަހަޅާފައިވެ އެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި ހުށަހެޅުންތަކާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް މީގެކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ނިންމާފަ އެވެ.