ޑިޖިޓަލް ހެލްތް ސިސްޓަމްގެ ޒަރީޔާއިން ބަލިމީހާގެ ސިއްހީ ސްޓޭޓަސް ފޯނަށް ފޮނުވުމުގެ މަސައްކަތެއް ކުރަމުންދާ ކަމުގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ސިއްހީ ނިޒާމަށް އައު ކަންތައްތަކެއް ތައާރަފްކުރައްވަން ގަސްދުކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ ފެސިލިޓީތައް އެއް ތަނަކުން ގުޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ރައީސްގެ އިރުޝާދާއި އެެއްކޮށް ޑިޖިިޓަލް ހެލްތް ބެކްބޯނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން މި ދަނީ“
ރާއްޖޭގައި ޕަބްލިކް ސެކްޓާ އަދި ހެލްތް ސެކްޓާގެ ހޮސްޕިޓަލާއި ކްލިނިކްތަކަށް ދައްކާ ފަރާތްތަކަުގެ މައުލޫމާތު އެއް ތަނަކުން ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ޕްރައިވެޓް ހޮސްޕިޓަލަކުން ހަދާފައިވާ ސިއްހީ ޓެސްްޓެއް އަނެއްކާވެސް އައިޖީއެމްއެޗް އިން ހެދުން ފަދަ ކަންތައްތައް ދިމާވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ ހޮސްޕިޓަލުން ކުރަންޖެހޭ ހަރަދު އިތުރު ކަމުގައި މިނިސްްޓަރު ވިދާޅުވި އެވެ. މިހެން ވުމުން، އެކްސް ރޭ ފަދަ ޓެސްޓްތައް ތަކުރާރުކޮށް ކުރުުމުން، ބަލިމީހާއަށްވެސް ގެއްލުންވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ބަލިމީހުންގެ މައުލޫމާތުތައް އެއް ތަނަކުން ނުފެންނަ ކަމަށާއި އޭގެއިން ގޮންޖެހުންތައް ކުރިމަތިވާ ކަމުގައި މިނިސްޓަރު އޮޅުންފިލުވާ ދެއްވި އެވެ.
މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ދެންނެވި ސަބަބާއި ގުޅިގެން ސަރުކާރެއްގެ ހައިސިއްޔަތުން ދިވެހިންގެ ސިއްހީ ހާލަތުގެ ރިކޯޑްތައް ރަނގަަޅަށް ނުބެލެހެއްޓޭ ކަމަށެވެ. މި ނޫންވެސް އެހެން ދަތިކަން މެދުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާއި ހިލާފަށް، ޕަބްލިކް ސެކްޓާ އަދި ޕްރައިވެޓް ސެކްޓާއަށް ކޯޑެއް ޖަހައިގެން ނަމަވެސް ބަލިމީހުން ހަދާ ޓެސްޓްތައް އެއް ތަނަކުން ފެންނަން ހުންނަ ނަމަ، މިފަދަ ތަކްލީފުތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިކަން ހައްލުކުރުމަށް ބޭރުގެ ބައެއް ފަރާތްތަކާއިއެކު މަޝްވަރާކުރައްވަމުންދާ ކަން މިނިސްޓަރު ހާމަކުރެއްވި އެެވެ. ރައީސްގެ ފުރިހަމަ އިރުޝާދާއި އެއްކޮށް އެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ސިއްހީ ހިދުމަތްދޭ ކޮންމެ ފެސިލިޓީއެއްގައި ބަލިމީހަކު ހަދާ ޓެސްޓުތަކުގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް އެމީހުންނަށް އަންގާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރަށްވެސް، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަދައި އޮންލައިންކޮށް މަޝްވަރާތައް ބޭއްވުމަށް މި ނިޒާމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މީގެ މާނައަކީ ބަލިމީހާ ޕްރައިވެޓް ކްލިނިކަކަށް ދިޔަޔަސް ޓެސްޓުގެ ނަތީޖާ ސިސްޓަމަށް ވަނުމާއެކު އެމީހުންގެ ފޯނަށް އެލާމް ފޮނުވާނެ. އެސްއެމްއެސް މެދުވެރިކޮށް އެމީހުންނަށް ލިބިފައިވާ ފުރުސަތުތައް އަންގައި، ވީހާވެސް އަވަހަކަށް ފަރުވާއަށް ތައްޔާރުވުމަށް އެންގޭނެ“
މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި މިއީ ރާއްޖެއިން ބޭރުގައިވެސް ސިއްހީ ނިޒާމް އޮޕަރޭޓް ކުރާ ގޮތެވެ. މި ނިޒާމް ރާއްޖެއަށް ތައާރަފްކުރެވުނީމަ ބަލިމީހުންނަށް ފަސޭހަތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހަމަ އެެއާއެކު، މިނިސްޓަރު ޚަލީލް ވަނީ ބައެއް ރަށްރަށުގައި ބޭހުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފަ އެވެ. އޭނާ ތަފްސީލުކޮށް ވިދާޅުވީ ރަށްރަށަށް ބޭސް ގެންދިއުމަށް ޑްރޯންގެ ހިދުމަތް ފެށުމުން ބޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ދަތިކަން ހައްލުވާނެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް