އާސަހަރާގެ މަސައްކަތް އެއްކޮށް ނިމި، އަންނަ ހުކުރުގައި ހުޅުވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އާސަހަރާއަކީ މާލޭގައި ނިޔާވާ މީހުން ވަޅުލަން މާލޭގެ ހަތަރު އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި ނިޔާވާ މީހުން ވަޅުލުމަށްޓަކައި ގާއިމް ކުރި ތަނެކެވެ.
އާސަހަރާ މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މާލޭ ސިޓީ ކައުންސިލުން ބުނީ އާސަހަރާގެ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ހުކުރު ދުވަހު އެއްކޮށް ހުޅުވާލުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، އާސަހަރާ އަލުން ހުޅުވުމަށްފަހު މާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދާނެ ކަމަށެވެ.
އާސަހަރާ މިސްކިތް މަރާމާތުކުރުމަށް، އެތަން ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މޭމަހުގަ އެވެ. އަދި އާސަހަރާ މިސްކިތަށް ގެންނަންޖެހޭ މަރާމާތުގެ މަސައްކަތްތައް ހަމަ އެ މަހު ފަށާފައިވެ އެވެ. އާސަހަރާ މިސްކިތް ތަރައްޤީކުރަނީ 2 ފަންގިފިލާ އަކަށެވެ. މީގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމާ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މި މަސައްކަތް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެ ކަމަށާއި ނަމާދުކުރާ ސަރަޙައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުވެސް އޭސީކޮށްފައި ހުންނާނެ ކަމަށެވެ.