ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންތަކެއްގެ އެކައުންޓްތަކުގައި ހުރި 4 ލައްކައަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ބޭންކްގެ މުވައްޒަފަކަށް، މުޖުތަމައަށް ހިދުމަތްކުރުމަށް އެންގުމާއެކު ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފި އެވެ.
މިމައްސަލައިގައި ދައުވާކޮށްފައިވާ އަލީ މާޒިން، ބ. އޭދަފުށި، އިޔާވަހިގެ މައްޗަށެވެ. މީނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ކުރިއިރު ޕީޖީން ވަނީ މީނާއައެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.
މި މައްސަލައިގައި އުފުލި ދައުވާގައި ބުނެފައިވަނީ، އަލީ މާޒިން 18 ސެޕްޓެމްނަރު 2012 އިން ފެށިގެން 26 އޮކްޓޮބަރު 2021 ގެ ނިޔަލަށް ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު، އެ މަގާމުން އޭނާއަށް ލިބުނު މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން 14 މެއި 2021 އިން ފެށިގެން 23 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް އެކި ދުވަސްމަތިން، ބީއެމްއެލްގެ 13 ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުގެ ސީއާރްއެމް ސިސްޓަމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ކަސްޓަމަރުންގެ ހުއްދަ ނެތި ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށް އެ ކަސްޓަމަރުންގެ އެކައުންޓްތަކުން ޖުމުލަ 482،611.41 ރުފިޔާ، ސައްހަނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި، އަލީ މާޒިންގެ އަމިއްލަ އެކައުންތަށް ޖަމާކޮށްގެން މީނާގެ އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުއާމަލާތްކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
މި ދައުވާއަށް އަލީ މާޒިން ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ. އަދި މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމެއް ވެފައިވާތީ އެ އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައިދިނުމަށް އެދޭކަމަށްވެސް އަލީ މާޒިން ކޯޓުގައި އެދިފައިވެ އެވެ. ޕީޖީންވެސް ކޯޓުގައި އެދިފައިވަނީ މިމައްސަލައިގައި ވެފައިވާ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައިދިނުމަށެވެ.
އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލައިގައި އަލީ މާޒިންގެ މައްޗަށް 40 ގަޑިއިރުގެ މުއްދަތަކަށް މުޖުތަމައުއަށް ހިދުމަތްކުރުމަށް އެންގުމާއެކު، 56،200 ރުފިޔާއިން ޖުރިމަނާކޮށް އެ ފައިސާ ތިން މަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފަ އެވެ. އަދި މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބުގެ ބައިގައި، އޭނާއަށް އެކަށޭނެ އަދަބެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މީގެއިތުރުން އެއްބަސްވުމަށް އިހުތިރާމުކޮށް އޭގައިވާ އެހެން ކަންކަން ފުރިހަމަ ކުރުމަށް ވެސް އަންގާފައިވެ އެވެ.