މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު ނެރެއްޖެ އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ސަމާލު ނޯޓުގައި ވާގޮތުން، މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މިއަދުގެ ހަވީރު 18:00 އިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މީގެއިތުރުން، މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
ކަނޑުގެ ޙާލަތާ ގުޅޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާޅުގެ އުސްމިން 2-5 ފޫޓް ދެމެދުގައި ހުންނާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި އިރުއުތުރު މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ، މޫސުމަށް އަންނަ ބަދަލުތަކާއެކު ވިއްސާރައިގެ މޫސުން ކުރިމަތިވުމަކީ އާދައިގެ ކަމެކެވެ. ވުމާއެކު، މޫސުމަށް ސަމާލުވެ، ކަނޑުދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.