އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކޮށް، އަލުން އޮޕަރޭޝަނަށް ގެނެވިފައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އާރުއޯ ޕްލާންޓުގެ ބޯރހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓުން ފެން އުފެއްދުން ހުއްޓުނު ކަމަށެވެ. ނަމަވެސް މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފެނުގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ފެނަކައިން މަޢުލޫމާތު ދިނެވެ.
ފެނަކައިން ވަނީ މި މައްސަލަ ހައްލުކުރުމަށް އިމާރާތް ކުރުމާއި ބިނާވެށި ރޭވުމާ ބެހޭ ވުޒާރާ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކޮށްފަ އެވެ.
ފެނަކައިން ވަނީ މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދި، ކަސްޓަމަރުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފަ އެވެ.