މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ތިން މީހުން ހައްޔަރު ކުރުމަށްފަހު އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެ އެވެ. އަދި އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމެއް ހޯދާފައިވެ އެވެ.
ހައްޔަރުކޮށްފައިވަނީ ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު (25 އ) އާއި، ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް (24 އ)ގެ އިތުރުން ގދ. ގައްދޫ، ވިލަސް، މުހައްމަދު ޒަހުވާން (23 އ) އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަސް ތަގިއްޔުއާއި ޒަހުވާންގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.