ރާއްޖެއަށް ދުވަހަކުވެސް ނާންނާނަމޭ ބުނި މަޝްހޫރު ހިންދީ ޓެލެވިޝަން ސީރީޒް ތަރި އަރްޖުން ބިޖްލާނީ، ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރާކަން ހާމަކޮށްފި އެވެ.
8 މިލިއަން ފޮލޮވާސް ހުންނަ ބިޖްލާނީގެ އޮފިޝަލް އިންސްޓަގްރާމްގައި އޭނާ ވަނީ އިއްޔެ ރާއްޖޭގެ ރިޒޯޓަކަށް އައި މަންޒަރު ދައްކާފަ އެވެ. ބިޖްލާނީ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ނޭހާ ސްވާމީ އަދި ފިރިގެން ދަރިފުޅާއި އެކު އެވެ.
ބިޖްލާނީ މިވަގުތު ޗުއްޓީ ހޭދަކުރަމުންދަނީ އެމެރޭލްޑް މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާގަ އެވެ. ބިޖްލާނީގެ އިންސްޓަގްރާމްގައި ރާއްޖޭގެ މޫދާއި ރިޒޯޓްގައި ނަގާފައިވާ ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރުމުން އޭނާއަށް ފުދޭވަރަކަށް ގިނަ އިންޑިއާ މީހުންގެ ނުރުހުން އަމާޒުވި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޔޫތް މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ބަދުބަސް ރައްދުވާ ގޮތަކަށް ވާހަކަދެއްކި ފަހުން އިންޑިއާގެ ވަރަަށް ގިނަ މަޝްހޫރު ތަރިންނާއި އެކްޓިވިސްޓުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާފަ އެވެ. އެ ކެމްޕެއިންގައި ބައިވެރިވީ އެކެއްގެ ތެރޭގަައި ބިޖްލާނީވެސް ހިމެނެ އެވެ. އޭރު ބިޖްލާނީ ވަނީ ދުވަހަކުވެސް ރާއްޖެ އައިސްފައިނުވާ ކަމަށާއި ދެެނެއް ރާއްޖެއަށް ނާންނާނެ ކަމަށް ބުނެފަ އެވެ. މިއީ ބިޖްލާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް، އޭރު އޭނާ ވަނީ ރާއްޖެއިން އިންޑިއާށް ބަދުބަސް ބުނިފަހުން އިންޑިއާގެ ތިބި ތަންތަނަށް ލޯ ހުޅުވުނު ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އިންޑިއާ ޕްރޮމޯޓް ކުރުމަށް ގޮވާފައި ވެއެވެ.
5 ތަރީގެ ރިޒޯޓެއް ކަމުގައިވާ އެމެރަލްޑް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި އާއިލާއާ އެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުން އަރުޖުން ބުނެފައި ވަނީ ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމުގަ އެވެ.
ބިޖްލާނީއަކީ ”ކަތްރޯ ކީ ކިލާޑީ“ ރިއަލިޓީ ސީރީސް އާއި ”ނާގިން“ އަދި ”ލެފްޓް ރައިޓް ލެފްޓް“ ފަދަ ސީރީޒްތަކުން ދިވެހިންގެ މެދުގައިވެސް މަޝްހޫރުކަން ހޯދި ފަންނާނެކެވެ.
މޯދީއަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް ބަދުބަސް ބުނުމުގެ ކުރިން އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ވަރަށް މަގްބޫލު މަންޒިލެކެވެ. ނަމަވެސް މިއަހަރު ފެށުނުކޮޅު އިންޑިއާއިން ރާއްޖެ އަންނަ ފިލްމީ ތަރިން މުޅިންހެން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން ހުއްޓާލާފައި ވެއެވެ. ނަމަވެސް، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަންނާނުން ދަނީ މަޑުމަޑުން އިތުރުވަމުން ނެވެ.