އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އާރުއޯ ޕްލާންޓުގެ ބޯރހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓް ވަނީ މިހާރު ހުއްޓިފައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ މި މައްސަލަ ޙައްލުކޮށް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. ނަމަވެސް މައްސަލަ ޙައްލުވަންދެން ފެން އުފެއްދުން ހުއްޓިފައިވާތީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވެ، ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ފެނަކައިން އިތުރަށް ބުނީ މައްސަލަ ޙައްލުވީހާ އަވަހަކަށް ކަސްޓަމަރުންނާ އެ މަޢުލޫމާތު ޙިއްޞާ ކުރާނެ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.
އައްޑޫ ސިޓީގެ ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެ މައްސަލައަށް ދާއިމީ ހައްލުތަކެއް ގެނައުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.