އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފި އެވެ.
އެ ކުންފުނިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ރަނގަޅު އުސޫލެއް ގެންގުޅޭއިރު، ފާއިތުވި ތިން އަހަރު އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25،000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފަ އެވެ.
މި އަހަރު ވެސް އެމްއޭސީއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ޖަމާކޮށްދޭން ފަށައިފަ އެވެ.
އެ ކުންފުނިން މީގެ ކުރިން ބުނި ގޮތުގައި، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލާފަ އެވެ.
އެހެންނަމަވެސް، އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.