ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ. މި
މައްސަލައަކީ ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާ ގުޅޭ މައްސަލައެކެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައަކީ ޕަބްލިކް ސަރވިސް މީޑިއާއިން އެ ކޮމިޝަނަށް ހުށަހަޅައިގެން މިދިޔަ ޖުލައި މަހުން ފެށިގެން ތަޙުޤީޤު ކުރަމުން އަންނަ މައްސަލައެކެވެ. ކޮމިޝަނުން ވަނީ މައްސަލައިގެ ”ޕްރިލިމިނަރީ ތަޙުޤީޤު“ ނިންމައި، އިތުރަށް ތަޙުޤީޤު ކުރަންޖެހޭ ކަންކަން ހުރުމާއެކު މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
މި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ޚާއްޞަ އޮޑިޓް ކުރިޔަށް ދިޔައިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޭސީސީއާއި މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާއަށް އަސަރު ނުކުރާނެ ގޮތަށް ދެ މުއައްސަސާއިން އެކުގައި ވަނީ މަސައްކަތްކޮށްފަ އެވެ.
މި މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ މި މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލައަކީ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ފާހަގަވި ހިޔާނާތްތަކެކެވެ. އެގޮތުން ޕީއެސްއެމްގެ ތިޖޫރިން ފައިސާ ނަގާފައިވާ މައްސަލައަކާއި ޑޮލަރު ގަންނަންކަމަށް ބުނެ ދިވެހި ރުފިޔާގެ ޗެކު ދޫކުރުމާއި ޓްރާންސްފަރ ކުރުމުގެ މައްސަލަތަކެއްވެސް ވަނީ ފާހަގަވެފަ އެވެ. މީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށްވެސް ފައިސާ ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓުތަކުން އެނގެ އެވެ.