15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވީސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދަންޖެހިގެން މަރުވެފައިވަނީ މާލޭ، ގ. އެއްތެޔޮމާގެ، އަބްދުލް ޣަނީ އިސްމާއީލް (62އ) ކަމަށެވެ.
ކަރެކްޝަނަލް އިން ބުނީ ގޮޅީގައި ޣަނީ ދަންޖެހިފައި ހުއްޓާ ފެނުުނީ މިއަދު ހެނދުނު 6:52 ގައި ކަމަށެވެ. އަދި ފެނުމާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ޣަނީ މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 7:21 ގައި ކަމަށެވެ.
އޭނާ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްކަމަށްވެސް ކަރެކްޝަންއިން ބުނެ އެވެ.
ކަރެކްޝަންސް އިން ބުނީ، އެމީހާ ނިޔާވުމާ ގުޅިގެން އެ އިދާރާއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށެވެ.
ކަރެކްޝަންސް އިން އިތުރަށް ބުނީ، މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.



