ތިލަފުށީގައި ތަރައްގީކުރާ ކުނި މެނޭޖުކުރާ ރީޖަނަލް ސެންޓަރާއެކު ބައެއް ކުދި ރަށްތަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އެންވާރުމެންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިއްޔެ ސާފު ރާއްޖެ ބިލްޑިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވީ، މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖު ނުކުރެވުން ކަމަށެވެ. އަދި މިގޮތަށް ދިމާވަނީ އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ބޭނުންވާ ޢިމާރާތްތައް އަޅަން ބިން ނެތުމުން ކަމަށެވެ.
”ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހެދުމުގެ މަސައްކަތް 2026 ގައި ނިންމާގޮތަށް ރޭވިފައި އޮތީ. މިތަނުން ރަށްރަށުން މެނޭޖް ނުކުރެވޭ ކުނި އެތަނަށް ގެންގޮސް މެނޭޖްކުރެވޭނެ. އަޅުގަނޑުމެން މިހާރު މިދަނީ މި ސެންޓަރަށް ބޭނުންވާ ލޭންޑިން ކްރާފްޓްތައް ހޯދަމުގެ މަސައްކަތްވެސް ކުރަމުން،“ މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި 20 ރަށަކަށް ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ތަކެތި ފޯރުކޮށްދެވުނެވެ. މީގެ ތެރޭގައި ހިމެނެނީ ކުނި ޓްރަކާއި ޑަސްބިނާއި ރައްކާތެރި ގޮތުގައި ކުނި ގުދަންކުރުމަށް ބޭނުންކުރާ ބޭލަރ މެޝިނެވެ. 18 ރަށަކަށް ކުނި ޓްރަކް ހަވާލުކޮށްފައިވާއިރު 15 ރަށަކަށް ބޭލަރ މެޝިން ވަނީ ހަވާލުކޮށްފަ އެވެ. އަދި 5000 އަށްވުރެ ގިނަ ޑަސްބިން ހަވާލުކޮށްފައިވާ ކަމަށްވެސް އެންވާރުމެންޓް މިނިސްޓްރީން މައުލޫމާތުދެއްވި އެވެ.
ގްރޭޓަރ މާލޭ އެންވަރަޔަމަންޓް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ރީޖަނަލް ސެންޓަރެއް ތަރައްގީކުރެވޭނެ ކަމަށްވެސް މިނިސްޓަރ ޠާރިޤު ވިދާޅުވި އެވެ. މި ސެންޓަރު ނިމުމުން މާލެ ސަރަހައްދުގެ ކުދި ރަށްތަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އުއްމީދުކުރެވެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް