ފުރަތަމަ 6 މަހުގައި 600 އާއި ގާތްކުރާވަރަށް ވަރިތައް ކޮށްދިން ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުން އިއްޔެ އާންމުކުރި ތަފާސް ހިސާބުންް ދައްކާ ގޮތުގައި އެކޯޓުން މިއަހަރުގެ ފުރަތަމަ 6 މަހުގައި ޖުމްލަ ޖުމްލަ 1121 ކައިވެނިކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 85 ކައިވެންޏަކީ ބިދޭސީއަކާއި ދިވެއްސަކާއި ދެމެދު ކޮށްފައިވާ ކައިވެނިތައް ކަމަށް ބުނެފައި ވެއެވެ. އަދި 594 ވަރި ފެމިލީ ކޯޓުގައި ރަޖިސްޓާ ކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.
ފެމިލީ ކޯޓުން ބުނީ ފުރަތަމަ 6 މަހުގައި ރާއްޖެއިން ބޭރުގައި 89 ކައިވެނިކޮށްފައިވާ ކަމަށެވެ.
ފެމިލީ ކޯޓުން ބުނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ އަމުރުތައް ހިމެނޭ ގޮތުން ޖުމްލަ 47 އަމުރު ނެރެފައިވާ ކަމަށެވެ. އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 38.4 މިލިއަން ރުފިޔާ ސާބިތުކުރެވުނު ކަމަށް ކޯޓުން ބުނެފައިވެ އެވެ. އަދި ގަޟިއްޔާތަކާއި ގުޅިގެން 23 މިލިއަނަށްވުރެ ގިނަ ރުފިިޔާ ބަލައިގަނެ، ރައްދު ކޮށްދެވުނު ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
ފެމެލީ ކޯޓުން ބުނީ އާއިލީ މައްސަލަަތައް ހައްލުކުރުމާ ބެހޭ ބަޔަށް 107 މައްސަަލަ ހުށަހެޅުނުއިރު 60 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދާދީފައިވާ ކަމަށެވެ.
ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި 1580 މީހުން ބައިވެރިވިކަން ކޯޓުގެ ތަފާސް ހިސާބުގައި ފާހަގަކޮށްފައި ވެއެވެ. އެއީ 815 ފިރިހެނުންނާއި 765 އަންހެނުން ނެވެ.
އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމަށް އަންގާ 5676 އަމުރު ފޮނުވާފައިވާ ކަމަށްވެސް ތަފާސް ހިސާބުން ދައްކަ އެވެ.