ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކުރަން ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުން ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި، ބަލިތަކާއި ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން އެމީހުން ދުރުވެތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލުތަކުން އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ، ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ހެދުމަށެވެ.
މީގެއިތުރުން ޕްރިވެންޓިވް ކެއާގެ ހިދުމަތައްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖައްސައި، އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި ކަމަށްވެސް ބުނެފައިވެ އެވެ.