ބޭރުގެ ފަރާތްތަކުން ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭ ގޮތަށް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.
މި އިސްލާޙު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހު ހުށަހެޅި ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭނެ ދާއިރާ ކަނޑައެޅުމަށާއި އެނޫންވެސް ކަމާގުޅޭ މައިގަނޑު އުސޫލުތައް ބަޔާން ކުރުމަށެވެ.
މި އިސްލާުހުގައި ބޭރުގެ ފަރާތްތަކުން ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައިވެެ އެވެ. އެގޮތުން މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައި ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރަސްނާޅާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.