ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމާއި ކުރިމަތިލުމަށް ސަރަހައްދީ އެއްބާރުލުން މުހިންމު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.
ނަވީން މިގޮތަށް ވިދާޅުވީ އޮންލައިން ޓެރަރިޒަމް ހުއްޓުވުމާ ބެހޭ އީޔޫ-އިންޑިޔާ ސަރަހައްދީ ކޮންފަރެންސްގަ އެވެ.
ނަވީން، އޯގަސްޓް 21 އަދި 22 ގައި ނިއު ދިއްލީގައި ބޭއްވުނު ”ކޮމްބެޓިންގ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫ-އިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް“ ގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނު ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައި ވެއެވެ.
މި ކޮންފެރެންސަކީ ދެ ދުވަހަށް ކުރިއަށްދިޔަ މި ކޮންފަރެންސެކެވެ. މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކާތަކަށެވެ. މި ކޮންފަރެންސްގައި އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާ އަދި ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެފައި ވެއެވެ. ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން އެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ޑެޕިއުޓީ ކޮމިޝަނަރ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވި އެވެ.
މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަންގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ އާންމު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމެވެ. މި ކޮންފަރެންސްގައި ބައިވެރިން މަޝްވަރާކުރެއްވީ އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ނެވެ.
މި ކޮންފަރެންސްއަކީ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އެއްބާރުލުން އިތުރުކުރުމުގެ ޔޫރަޕިއަން ޔޫނިއަންގެ މަޝްރޫއު (އީއެސްއައިޑަބްލިއުއޭ)ގެ ދަށުން ކުރިން ހިންގާފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ. މި މަޝްރޫއުގެ ދަށުން ޑްރޯން ޓެރަރިޒަމާއި، ސައިބަރ ސެކިއުރިޓީ އަދި ދޮގު މައުލޫމާތު ފެތުރުން ފަދަ އެކި ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުން މަސައްކަތްކުރެވިފައި ވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ލެވެލްތަކުގައި ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުން ނެވެ.