މުދުޑާރުކޮށް ކާއެއްޗެހި ތައްޔާރުކުރާ 10 ބިދޭސީއެއް އަތުލައިގެންފި އެވެ.
މި މީހުން އަތުލައިގެންފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތާ ގުޅިގެން ނެވެ.
އިމިގްރޭޝަން އިން ފުލުހުންނާއިއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު) ގައި ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފަ އެވެ. މި ރެއިޑުގައި މ. ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އެ މުައައްސަސާއިން ބުނެފައި ވެއެވެ.
ބިދޭސީން މިތަނުގައި ތައްޔާރުކުރަމުންދިއަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނެ އެވެ. އިމިގްރޭޝަނުން ވަނީ އެތަކެތީގެ ފޮޓޯތައް އާންމުކޮށްފަ އެވެ. އެ ފޮޓޯގައި ހިމަނާފައިވާ ޕްރޮޑަކްޓްގެ ލޭބަލެއްގެ ގޮތުގައި ބިދޭސީން ވަނީ ”މޯލްޑިވްސް ސުޕަ ކޮލިޓި“ ބްރޭންޑް ނަމެއްގެ ގޮތުގައި ދީފަ އެވެ.
މީގެ އިތުރަށްވެސް، ފުލުހުންނާއިއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ހިންގުނު ރެއިޑެއްގައިވެސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ. އެ ދެ މުއައްސަސާއިން ފާސްކޮށްފައިވަނީ ގ. މޫން ލައިޓް އެވެ. މިތަނުގެ 1 ވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ހިދުމަތް ދެމުންގެންދިޔަ ކަމަށް އިމިގްރޭޝަން ވޮޗްއަށް މައުލޫމާތު ލިބުނު ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.
މިތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދީފައި ވެއެވެ. މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.