ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 08:36 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ވަނީ ތިލަފުއްޓަށް ގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު އެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަމުގެ ރިޕޯޓް ވަނީ ލިބިފަ އެވެ.