ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ މިވީ ދުވަސްތަކުގެ ތެރޭގައި ކުރަންޖެހުނު ކަމަކީ މިދިޔަ ސަރުކާރުން ދޫކޮށްފައިދިޔަ ދަރަނިތައް ދައްކާ ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ހިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ އާސަންދައާއި އެންސްޕާއާ ހަވާލުވެ ތިއްބެވި ވެރިން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އިދިކޮޅުން ބުނާފަދަ ބިރުވެރިކަމެއް ނެތް ކަމަށެވެ. އަދި ކުދިކުދި ދަތިތައް ދިމާވިނަމަވެސް އެކަންކަންވެސް ހައްލު ކޮށްދެއްވާކަން ރިފާއު ފާހަގަ ކުރެއްވި އެވެ.
ރިފާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ މިވީ 9 މަސްތެރޭގައި މައިގަނޑުކޮށް ކުރަންޖެހުނު ކަމަކީ ކުރީ ސަރުކާރުން ހަވާލުކޮށްފައި ހުރި ދަރަނިތައް ދައްކާ ސިސްޓަމްތައް ރަނގަޅުކޮށް ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަންކަން ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރިފާއު ވިދާޅުވީ މިދިޔަ ސަރުކާރު ވެރިކަމުން ފައިބައިގެން ދިޔައިރު އާސަންދަ އަދި އެންސްޕާގެ ބަޖެޓް އެއްކޮށް ހުސްކޮށްލާފައި ދިޔަ ކަމަށެވެ. އަދި އާސަންދައާއި އެންސްޕާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިތަންތަނަށް ބިލިއަނުން ފައިސާ ނުދައްކާ ހުރި ކަމަށެވެ.
”އެފައިސާ ދައްކައި ނިންމާފައި ހުރިނަމަ ވަރަށް ފަސޭހަވާނެ ހަވާލުވި ބަޔަކަށް ކުރިއަށްދާން.“
ރިފާއު ވިދާޅުވީ އާސަންދަ އަދި އެންސްޕާއަށް ފުރަތަމަ ޖެހުނީ އެ ނުދައްކާ ހުރި ފައިސާ ދައްކަން ކަމަށެވެ. އަދި އޮޕަރޭޓްކުރަން ޖެހުނީ ނެތް ފައިސާއަކުން ދަރަނީގެތެރޭގައިކަން ފާހަގަ ކުރެއްވި އެވެ.