ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަންގެ ފަރާތުން ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް ދިން 9.5 މިލިއަން ޑޮލަރުގެ ގްރާންޓާއެކު ”ތައުލީމަށް އިންގިލާބީ ބަދަލެއް“ (ތައިބަ) އިފްތިތާހުކޮށްފި އެވެ.
ތައިބަ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. ނައިބު ރައީސްގެ އަރިހުގައި މި ރަސްމިއްޔާތުގައި ދައުލަތުގެ އެކިއެކި މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މިއަދު ރާއްޖެއަށް ލިބިގެން ދިޔަ 9.5 މިލިއަން ޑޮލަރަކީ ޖުމުލަ ތިން ގްރާންޓެއްގެ މައްޗަށް އެކުލެވޭ ފައިސާ އެވެ. އެގޮތުން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 5 މިލިއަން ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް އެވެ. މި ގްރާންޓް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ، ކިޔެވުމުގައި އިތުރު އެހީތެރިކަމަށް ބޭނުންވާ އަދި ހިރާހަށް ހުށަހެޅިފައިވާ ކުދިންނަށް އިސްކަންދީ އެކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭފަދަ ވެއްޓެއް ރާއްޖޭގައި ގާއިމު ކުރުމަށެވެ.
ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓް އެވެ. މި ގްރާންޓްގެ ދަށުން ތައުލީމީ ދާއިރާގެ ރޭވުންތެރިކަމާއި މާލިއްޔަތާއި މޮނިޓަރިންއާއި ވިލަރެސް ކުރުން ހަރުދަނާ ކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ އެވެ.
ތިންވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ވޯލްޑް ބޭންކް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަ ގްރާންޓް އެވެ. މި ގްރާންޓްގެ އެހީގައި ތައުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ގަރީނާއަށް ރިއާޔަތްކޮށްގެން އެވިޑެންސް ބޭސްޑް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އެޑިއުކޭޝަން މެނޭޖްމެންޓް އިންފޮމޭޝަން ސިސްޓަމް ހަރުދަނާ ކުރެވިގެން ދާނެ އެވެ.
މި ހިލޭ އެހީގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ