ތައުލީމީ ދާއިރާ އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށާއި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ކުރި ނާރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ޔުނިސެފުން ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ދޭ 9.5 މިލިއަން ޑޮލަރުގެ ގްރާންޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފާއި ދައުލަތުގެ އެކި މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ޝަފީއު ވިދާޅުވީ ރާއްޖޭގައި މީގެ 10 އަހަރު ކުރިން އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 50 އިންސައްތައަށް ނާރާ ކަމަށާއި އޭގެ 10 އަހަރު ފަހުން މިހާރުވެސް ހާލަތު އޮތީ އެހެން ކަމަށެވެ. މިދިޔަ އަހަރާ މިއަހަރުވެސް އޯ ލެވެލް ނިންމި ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 50 އިންސައްތައަށް ނާރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ދަރިވަރުންގެ މައިންބަފައިންނާއި ޓީޗަރުންނާއި ސްކޫލުތަކުންވެސް އިސްކަން ދޭން ޖެހޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޓީޗަރުންގެ ފެންވަރުވެސް ރަނގަޅު ކުރަން ޖެހޭކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި މިހާރުވެސް ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ޝަފީއު ވިދާޅުވި އެވެ. އެގޮތުން ގާތްގަނޑަކަށް 2،000 ހާ ޓިޗަރުން އަދިވެސް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޔުނިސެފުން ލިބުނު 9.5 މިލިއަން ޑޮލަރުގެ ތެރެއިން 5 މިލިއަން ޑޮލަރު ބޭނުން ކުރާނީ ޓީޗަރުން ތަމްރީނު ކުރުމުގެ ކަންކަމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ