މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭގޮތަށް މީގެކުރިން ހަދާފައިވާ ގަވައިދުތަކާއި، އުސޫލުތައް ބަދަލުކުރުމަށް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!
ރައީސް މިގޮތަށް ވިދާޅުވެފައިމިވަނީ، ދ. ހުޅުދެލި ކޯޓުގެ ވަޒީފާއަށް ކުރިމަތިލި މީހަކަށް ވަޒީފާ ނުދިނުމަށް ނިންމުމާއި ގުޅިގެންނެވެ. އެ މީހާ އަށް ވަޒީފާ ނުދިނުމަށް ނިންމީ އޭނާ މޫނު ބުރުގާ އަޅާފައި ހުރުމުގެ ސަބަބުންނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުޅުދެލި ކޯޓުގެ ވަޒީފާއަށް ކުރިމަތިލި އެ މީހާއަށް ފޮނުވި މެއިލްގައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.