ހާލު ކިހިނެއް: ދައުލަތުގެ ހާއްސަ ސަމާލުކަން ބޭނުންވާ 7 ގެއެއް ދެނެގަނެވިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ ”ހާލު ކިހިނެއް“ ޕްރޮގްރާމްގެ ތެރެއިން ދައުލަތުގެ ހާއްސަ ސަމާލުކަން ބޭނުންވާ 7 ގެއެއް ދެނެގަނެވިއްޖެ ކަމަށް ބުނެފި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން މިހާތަނަށް އެފަދަ އެހީތެރިކަން ބޭނުންވާ 7 އާއިލާއެއް ދެނެގަނެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ފަރާތްތަކަށް ކެއާ ޕެކޭޖް ފޯރުކޮށްދެވި އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް މިނިސްޓްރީން ބުންޏެވެ. މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަމްސް އެއިޑް އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގެންދަނީ ވުޒާރާއި ގުޅިގެން މަސައްކަތް ކުރަމުން ނެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން 4362 ގޭބީސީއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުވާ ތަސައްވުރުގެ މައްޗަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުން ފަށާފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުން ނެވެ. މިހާތަނަށް މާލެ ސަރަހައްދުން 2767 ގޭބީސީއަކަށް ވަނީ ޒިޔާރަތްކުރެވި އާއިލާތަކުގެ ހާލަތު ބެލިފަ އެވެ.

ހަމައެއާއެކު، އަތޮޅު ތެރޭގައިވެސް މި ޕްރޮގްރާމު ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް 1595 ގޭބީސީއަކަށް ވަނީ ޒިޔާރަތްކުރެވިފަ އެވެ.

”ހާލު ކިހިނެއް؟“ ޕްރޮގްރާމުގައި މިހާތަނަށް ކުރި ޒިޔާރަތްތަކުން ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ އާއިލާތަކުން ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލަ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، އާއިލީ ދިރިއުޅުމަކަށް ބޭނުންވާ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އާއިލާތަކުން ފާހަގަކޮށްފައި ވެއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ބޭސްފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތައް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ދެނެގަނެވިފަ އެވެ.

އެގޮތުން މިހާތަނަށް ބޭސްފަރުވާއާއި ގުޅުންހުރި 195 މައްސަލައެއް އަދި ވެލްފެއާއާއި ގުޅުންހުރި 187 މައްސަލައެއް ދެނެގަނެވިފައިވާއިރު، މި ހުރިހާ މައްސަލައަކަށް ވަނީ އެޓެންޑުކުރެވިފަ އެވެ. އަދި ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 179 މައްސަލައެއް ވަނީ މުޅިން ހައްލުކުރެވި އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ.

ހަމައެއާއެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ހުށައެޅި 75 މައްސަލައަކަށް ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ވަނީ ހައްލު ހޯދާދެވި، އެ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާދެވިފަ އެވެ.

މީގެ އިތުރުން އެސްޓީއޯ މެޑިކަލްސްއާއި ގުޅިގެން ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރެވެމުންދާކަން ފާހަގަކޮށްލެވެ އެވެ.

އެކަށީގެންވާ އާމްދަނީ ލިބޭނެ ވަޒީފާ ނެތުމުގެ މައްސަލަތަކާއި، ހުޅުމާލެ ހިޔާ ފްލެޓް އެއްމެދު އިމާރާތަކުގެ މެއިންޓަނެންސް މައްސަލަތައް ފަދަ ކަންކަމަކީ މި ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ އާއިލާތަކުގެ ކަންބޮޑުވުންތަކެވެ.

މިކަންކަން ހައްލު ކުރުމަށް ވަކިން ހާއްސަކޮށް، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ސަރުކާރު ކުންފުނިތަކާއި، އަދި ވެސް އަމިއްލަ ފަރާތްތަކާއިވެސް މަޝްވަރާކުރަމުން ނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަކި ސެކްޝަނެއް އުފައްދާފަ އެވެ. މަސައްކަތް ކުރަމުންދާއިރު، ތަފާތު އިންޓާންޝިޕް ޕްރޮގްރާމުތަކާއި ޓްރެއިނިންތަކުގައި އެކުދިން ބައިވެރިކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އެބަ ދެ އެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅޭ މީހުންނަށް ވަޒީފާ އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމުގައި ވެސް މިނިސްޓްރީން ވަނީ އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އޮގަސްޓު 15 ގެ ނިޔަލަށް މާލެ ސަރަހައްދުން 2700 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފެށިފައިވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ”ހާލު ކިހިނެއް؟“ ޕްރޮގްރާމު ވިލިމާލޭގައި ވެސް ފަށާފަ އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ