ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު މިއަދު ވަނީ މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް އެންޑީއެމްއޭއިން އެހީތެރިވެދޭނެ އެވެ.
މީގެ އިތުރުން، ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރެވި، ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލިޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސްއެއް ހަދައި، ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ އެވެ. އަދި ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރެވި، އަރައްކާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކްއެއް އެކުލަވާލެވޭނެ އެވެ.
މީގެ އިތުރުން، ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް ޤާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި އެންޑީއެމްއޭއިން އެހީތެރިވެދޭނެ އެވެ. ފަހުމުނާމާގެ ދަށުން ކުއްލިޙާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައްވެސް ކުރިއަށްގެންދެވޭނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށެވެ. ނަމަވެސް މިފަދަ ކާރިސާތަކެއްގަ އަމަލުކުރާނެ ގޮތެއް މިހާތަނަށް ގާއިމްކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ޤައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަކާ ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގަ ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ވަނީ ބަޔާންކުރެވިފަ ކަމަށެވެ. އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކީގަ ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށާއި، އަދި މަސައްކަތްތަކެއްވެސް ފާހަގަކުރެވިފަ އެބަހުރި ކަމަށެވެ.
އެކަމަކު މީގެ ކުރީގެ އަހަރުތަކުގަ މިފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގަ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގަ ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގަ ކުރުމަށް ވަނީ ރާވާފަ.
އެންމެފަހުން މާލެ ފެންބޮޑުވި ހާދިސާގައިވެސް ސްޓެލްކޯގެ މުވައްޒިފުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ސްޓެލްކޯގެ ވަސީލަތްތައް ބޭނުންކޮށްގެން އަމީނީ މަގުގެ ފެންގަނޑު ހިންދުމުގެ މަސައްކަތްވެސް ކޮށްފައިވެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ސްޓެލްކޯ