މިފްކޯގެ ކަނޑުމަސް ޕްރޮސެސް ކުރާ ފެކްޓްރީ ހިންގަމުން އަންނަ ކ. ކަނޑުއޮތްގިރި އެމްއެންޑީއެފަށް ބަދަލުކޮށްފި އެވެ.
މިކަން އިއުލާނު ކުރެއްވީ ފިޝަރީޒް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑުއޮތްގިރި އަކީ ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ތަނެއް ކަަމަށެވެ. އެހެން ނަމަވެސް މި މަހު އެމްއެންޑީއެފަށް ކަނޑުއޮތްގިރި ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކަންނެލި މަސްވެރިންގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކަނޑުއޮތްގިރި ބޭނުން ކުރި ނަމަވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދޫކުރުމަށް ފަހު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބިމެއް ހޯދާ އެތަން ތަރައްގީ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެކަމަށާއި ކަނޑުއޮތްގިރިއަށް ދާން ޖެހުމުން މަސްވެރިންނަށް ހަރަދު ބޮޑުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)