ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށް ބައިނަލްއަގްވާމީ އެއްބާރުލުން މުހިންމު ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މިގޮތަށް ވިދާޅުވީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި ވާހަކަދައްކަވަމުން ނެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާ ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ޙާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ހާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ޙަވާލާދެއްވައި، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، އެންމެންނަށް ފައިދާ ލިބޭފަދަ އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަގްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. ރާއްޖެއިން މި މަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އަދި މިކަމުގައި ޗައިނާއާއި އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ވިދާޅުވި އެވެ.
2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ކުރިއަށްދާނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންވަ އެވެ.