އިތުރު 5 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މި އައިސް ޕްލާންޓްތައް ގާއިމުކުރަނީ ދިވެހި ސަރުކާރުން ހިންގާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ނެވެ. މި ޕްރޮޖެކްޓަށް ފަންޑްކޮށްދީފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއިން ނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ވަނީ ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހއ. އިހަވަންދޫ އަދި ށ. ކޮމަންޑޫގައި 50 ޓަނުގެ އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެތްގައި އިއުލާންކޮށްފަ އެވެ.
މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައި ވެއެވެ.
މި މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވާނީ ބައިނަލްއަގްވާމީ ބިޑިންގ ޕޮލިސީއެއްގެ މަތިން ނެވެ.
މީގެ އިތުރުން ބީލަމަށް ވަނުމަށް އެދޭ ކޮންމެ ފަރާތަކުން ވެސް 100 ޑޮލަރުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ނަގަ އެވެ. މި ފައިސާ މާދަމާ އާއި އޮކްޓޯބަރު 15 އާ ދެމެދު ކޮންމެ ވަގުތެއްގައި ވެސް ދެއްކޭނެ ކަމަށް އިއުލާންގައި ވެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ޖަމާކުރަން ޖެހޭ ކަމަށްވެސް ވެއެވެ.
ބިޑް ހުށަހެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/250,000.00 (ދެ ލައްކަ ފަންސާސް ހާސް ރުފިޔާ) ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އޭޕްރީލް މަހު ބުނި ގޮތުގައި ލޯކަލް އެގާރަ ރަށެއްގައި އައިސް ޕްލާންޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އެ މަސައްކަތް ކުރުމަށް ވެސް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފައިސާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް 25 އައިސް ޕްލާންޓް ހިންގަ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް