ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އާރްއޭސީއެލްއިން ބުނީ ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް ދުބާއީގެ ކުންފުންޏަކާ 20 އަހަރަުގެ މުއްދަތަކަށް ހަވާލުކޮށްފައިވާ ހަބަރަކީ ކުށް ހަބަރެއް ކަމަށާއި އާރްއޭސީއެލުން އެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އާރްއޭސީއެލުން ދުބާއީގެ އޮޕަރޭޓަރެއްކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ އާއި އަބޫދާބީގެ ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ އާއެކު ސޮއި ކުރެވުނު އެމްއޯޔޫއަކީ ޓްރާންސްޕޯޓް މިނިސްޓްރީން ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން އާރްއޭސީއެލުންވެސް ޝައުގުވެރިކަން ފާޅު ކުރުމުގެ ގޮތުން ސޮއި ކުރެވުނު އެމްއޯޔޫއެއްކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކަމުގައި އެއްވެސް ފަރާތަކާ އެއްކޮށް ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް އެއްވެސް އެގްރީމެންޓެއްގައި ސޮއި ކުރެވިފައި ނުވާނެކަމަށް އާރްއޭސީއެލްއިން ބުނެ އެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އާރްއޭސީއެލްއަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ނުވާކަމަށްވެސް އާރްއޭސީއެލްއިން ބުނެ އެވެ.